ދަތި ގޮތަކަށް ބަލިމީހަކު ބާލައި ފުލުހުން ނަމޫނާ ދައްކައިފި

ފުލުހުންގެ މުއައްސަސާ އަކީ ވަރަށްގިނަ ފަހަރަށް ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވާ މުއައްސަސާއެކެވެ. އެންމެ ފުލުހަކު ކުރާ ނޭދެވޭ އަމަލެއްގެ ސަބަބުންވެސް މުޅި މުއައްސަސާ ވަރަށް ގިނަފަހަރަށް ބަދުނާމު ކުރާތަން އާދެއެވެ. ނަމަވެސް މިނިވަން ސިކުޑިޔަކުން ވިސްނާލި ކޮންމެ މީހަކަށްވެސް ފާހަގަވާނެ ކަމަކީ ފުލުހުންގެ މުއައްސަސާ އަކީ ސަރުކާރު މުއައްސަސާ ތަކުގެ ތެރެއިން އެންމެ ހިދުމަތްތެރި އެއްމުއައްސަސާ އެވެ.

ފުލުހުންގެ ހިދުމަތްތައް ކޮންމެ ދުވަހަކުވެސް ދިވެހި ރައްޔިތުންނަށް 24 ގަޑިއިރު ލިބެމުން ދެއެވެ. މިގޮތުން އިއްޔެއަކީ މިހިދުމަތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭފަދަ މުހިންމު ހިދުމަތެއް ފުލުހުންގެ ފަރާތުން ފެނިގެންދިޔަ ދުވަހެކެވެ. މިގޮތުން މާލޭގައި ލިފްޓްނެއް ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ބަލިމީހަކު ގޮނޑީގައި ވަނީ ބާލަދީ އެމީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރި ވެފައެވެ.

ބަލިމީހުން ތަންތަނަށް އުފުލުމުގައި ސްޓްރެޗަރ އާންމު ގޮތެއްގައި ބޭނުންކުރި ނަމަވެސް ގޭގެ ސިޑިގޮޅި ހަނިކަމުން މިފަހަރު މިބަލި މީހާ ބޭލުމުގައި ފުލުހުން ބޭނުންކުރަން ޖެހުނީ ގޮނޑިއެކެވެ.

ބަލި މީހާއާއި ގުޅޭ މާބޮޑު މައުލޫމާތެއް ފުލުހުން ދީފައި ނުވިނަމަވެސް ފުލުހުން ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އުމުރުން ދުވަސްވީ ބަލި މީހަކަށެވެ.

މީގެ ކުރިންވެސް ފުލުހުންވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގައި ނަމޫނާ ދައްކައިފައެވެ. އަދި މިފަދަ އަމަލުތަކުގެ ފޮޓޯތައް މީސްމީޑިއާގައި ވައިރަލް ވެގެން ގޮސްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ