މެލޭޝިޔާގައި މިހާރު ދިރިއުޅެމުންދާ އިންޑިއާގެ ދީނީ އިލްމްވެރިޔާ ޑރ. ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުކުރުމަށް އެގައުމުގެ ތިން މިނިސްޓަރަކު އެދިއްޖެއެވެ.
ޒާކިރު ނައިކާއި ދެކޮޅަށް މެލޭޝިޔާ ސަރުކާރުގެ ބައެއް މިނިސްޓަރުން ވާހަކަ ދައްކައިފައި މިވަނީ އެގައުމުގެ ތަފާތު ނަސްލު ތަކާއި ދީންތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަކެއް ދައްކައިފައި ވާކަމަށް ބުނެއެވެ.
ދާދިފަހުން މެލޭޝިޔާގައި ޒާކިރު ނައިކު ދިން ސްޕޭޗެއްގައި ބުނެފައިވަނީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށްވުރެ ބޮޑު މިނިވަންކަމާއި އިމްތިޔާޒުތައް މެލޭޝިޔާގައި އުޅޭ ހިންދީނަށްވެސް ދީފައި ވާކަމަށެވެ. އަދި މި ހިންދީން ބައެއް ފަހަރަށް މެލޭޝިޔާ ސަރުކާރުގެ ނިންމުންތަކަށްވުރެ ބޮޑަށް އިންޑިއާ ސަރުކާރުގެ ނިންމުންތައް ބަލައި ގަންނަ ކަމަށެވެ.
ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުކޮށްލަން ޖެހޭކަމަށް ބުނެ ވާހަކަދެއްކި މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަން އެންޑް މަލްޓި މީޑިއާ މިނިސްޓަރާއި ހިއުމަން ރިސޯސް މިނިސްޓަރާއި އަދި ވޯޓަރ ލޭންޑް އެންޑް ނެޗުރަލް ރިސޯސް މިނިސްޓަރެވެ.
މި މިނިސްޓަރުން ބުނެފައިވަނީ ޒާކިރު ނައިކަށް މެލޭޝިޔާގެ ރައްވެއްސެއްކަން ދޭން ނުފެންނަ ކަމަށާއި ޒާކިރު ނައިކު ދެއްކެވި ވާހަކަތަކުން މެލޭޝިޔާގައި ބައިބައިވުން އުފެދެން މަގުފަހި ވެފައި ވާކަމަށެވެ. އަދި މިކަމާއި ގުޅޭ ކަންބޮޑުވުންތައް ޕްރައިމް މިނިސްޓަރަށް ހުށަހަޅައިފައި ވާކަމަށްވެސް މި މިނިސްޓަރުން ބުނެއެވެ.
މިކަމާއި ގުޅިގެން ޕްރައިމް މިނިސްޓަރ މަހާތިރު މުހައްމަދު ބުނެފައިވަނީ ޒާކިރު ނައިކު އަނބުރާ އިންޑިއާއަށް ފޮނުވާ ނުލައްވާނެ ކަމަށާއި އެހެން ގައުމަކުން ޒާކިރު ނައިކަށް ހިމާޔަތް ދެއްވަން އެދޭނަމަ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
މެލޭޝިޔާއަށް ޒާކިރު ނައިކު ހިޖުރަކުރައްވައިގެން އުޅުއްވަނީ އިންޑިއާ ސަރުކާރުން ޒާކިރު ނައިކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން 2016 ވަނަ އަހަރު އުވާލައި އިންޑިއާގައި ޓެރަރިޒަމް ޕްރަމޯޓް ކުރުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ދައުވާކުރަން ނިންމުމުންނެވެ.
ހިޔާލު
މެލޭޝިއާ އަކީ ވަރަށް ރޭސިސްޓް ބައެއް. އެމީހުނަށް މުސްލިމް = މެލޭ. އެމީހުން ރިކޮގްނައިސް އެއް ނުކުރޭ ޗައިނީސް އިންޑިއަން މުސްލިމުން އުޅޭކަމަކަށް.
ކޮމެންޓް ކުރުން ބަންދު