ބާ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމަށް ވަކީލުންގެ ޚިޔާލު ހުށަހަޅަން ބާ ކައުންސިލުން އިއުލާންކޮށްފި އެވެ.
ބާ ކައުންސިލުން ކުރި އިއުލާނުގައިވަނީ، އެ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ކުރަމުންދާ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރު ހިންގުން މުހިންމު ޕްރޮގްރާމެއް ނުވަތަ ހަރަކާތެއް އޮތް ކަމަށް ދެކޭ ނަމަ އެކަން އެ ކައުންސިލާ ހިއްސާ ކުރަން އެދޭ ކަމަށް އިއުލާނުގައިވެއެވެ.
އެކަމަށް ހުށަހަޅާ ޚިޔާލުތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.