ރާއްޖެ އެތެރެ ކުރަން އުޅުނު 1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ވައިގެ މަގުން އެތެރެކުރަން އުޅުނު މިތަކެތި މިއަދު އަތުލައިގެންފައިވަނީ، ސްރީލަންކާއިން އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބާލއި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ފެނުނު މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުގެ ތެރެއިންކަމަށްވެސް ކަސްޓަމްސްއިންވަނީ ވިދާޅުވެފައެވެ.
އަދި އަތުލަައިގަނެވުނު މިތަކެތި ފުރަތަމަ މަރުޙަލާގެ ތަޙުލީލުންވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިކަމަށްވެސް ކަސްޓަމްސްއިންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކަސްޓަމްސްއިން ވިދާޅުވީ، މިއަދު އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.52 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިމައްސަލާގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ޙަވާލުކުރެވިފައިވާއިރު، މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.