ޑޮކްޓަރު އެޑްމިޓް ކުރުމުން ކެލާއަށް އެހެން ޑޮކްޓަރެއް ގެންގޮސްފި

ހއ. ކެލާ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު ބަލިވެ، އެޑްމިޓް ކުރުމުން އެ ރަށަށް އެހެން ޑޮކްޓަރެއް ގެންގޮސްފިއެވެ.

ކެލާ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރަނީ އެންމެ ޑޮކްޓަރެކެވެ. އެ ރަށުގައި މިހާރު ބާރަށް ފެތުރެމުންދާ ރޯގާ ޖެހުމުގެ ސަބަބުން އެ ޑޮކްޓަރު ވަނީ އެޑްމިޓް ކޮށްފައެވެ. އަދި އެ އަތޮޅު ދިއްދޫ ހޮސްޕިޓަލުން ޑޮކްޓަރެއް އެ ރަށަށް ގެންގޮސް ރެއިން ފެށިގެން ވަނީ ބަލ؛ިމީހުން ބަލަން ފަށާފައެވެ.

ކެލާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ރަށު ސިއްޙީ މަރުކަޒުން ފަރުވާ ހޯދަމުންނެވެ. އެ ގޮތުން ގިނަ އަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ވަނީ ރޯގާ ޖެހި ފަރުވާ ހޯދާފައެވެ.

މި ދުވަސް ވަރަކީ މުޅި ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ރޯގާ ފެތުރެމުންދާ ދުވަސް ވަރެކެވެ. އަދި ޢީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ގުޅިގެން އިތުރައް ރޯގާ ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކެލާ އަކީ އަތޮޅުގައި ހަތަރު ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށެވެ. އެ ރަށުގައި ދެހާހަށް ވުރެ ގިނަ މީހުން އުޅެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ