ހާލުބޮޑު ބަލިމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް އެހީތެރިވަމުން އެބަދެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ޕިންކް ރެންޓަލްސްގެ 7 ވަނަ ފަންގިފިލާގައި އޮތް މިބަލިމީހާ އައިޖީ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި ތިރިއަށް ބޭލުމުގައި ބޭނުންކުރަނީ ފަޔާރ އެންޑް ރެސްކިއުގައި ބޭނުންކުރާ ސްޕެޝަލް އަށިގަނޑުކަމަށެވެ.
އަދި މިމަސައްކަތުގައި އެހީތެރިވަމުންދަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއާއި އެމްއެންޑީއެފްގެ މެޑިކަލް ކޯޕްސްކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.
މިފަދަ ކަންކަމުގައި އެމްއެންޑީއެފްގެ ފަރާތުން ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ލިބެމުން އަންނައިރު، އެމްއެންޑީއެފްގެ މިފަދަ ޚިދުމަތްތައް ރައްޔިތުން އަންނަނީ އުފަލާއެކު ބަލައިގަންނަމުންނެވެ.