ތ.އަތޮޅުން މާލެއަށް ދަތުރުކުރަނިކޮށް ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު "އޯޝަން-20 އުފާ" ނަމަކަށް ކިޔާ ލޯންޗުން ދަތުރުކުރި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން މާލެ ގެނެސްދީފިއެވެ.
އެ ލޯންޗުން ދަތުރުކުރި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ދާދި ދެންމެ މާލެ ގެނެސްދީފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލާންސްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑްގައި ދާދި ދެންމެ މާލެ ގެނެސްފައިވަނީ "އޯޝަން-20 އުފާ" އިން ދަތުރުކުރި އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހެމެނޭހެން ޖުމްލަ 128 މީހުން ކަމަށެވެ.

175 މީހުންނާއެކު ތ.އަތޮޅުން މާލެއަށް ދަތުރުކުރަމުންދަނިކޮށް “އޯޝަން-20” ލޯންޗު މިއަދު ހަވީރު 05:44 ހާއިރު އިންޖީނު ހުއްޓިފައިވަނީ، ވ.ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކަލް މޭލު ބޭރުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ލޯންޗުގެ އިންޖީނު ހުއްޓިފައިވަނީ ތެޔޮ ހުސްވެގެން ކަމަށާއި، ލޯންޗަށް ތެޔޮ ހިފައިގެން އެހެން ދޯންޏެއް ދަތުރުކުރަމުން އަންނަ ކަމަށެވެ.
ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު ލޯންޗަށް ތެޔޮ ހިފައިގެން ދޯންޏެއް ދަތުރުކުރަމުންދާކަމަށް މީގެ ކުރިން އެމްއެންޑީއެފް އިން ވިދާޅުވެފައިވާއިރު، ބާކީ ތިބި 47 މީހުން މާލެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އިންޖީނު ހުއްޓުނު "އޯޝަން-20 އުފާ" ލޯންޗުގައެވެ.
މިދުވަސްވަރަކީ ނިމިދިޔަ އަޟްހާ ޢީދުމުގެ އުފާ ފާޅުކުރަން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރި ގިނަ ބަޔަކު އެނބުރި މާލެ ދަތުރުކުރަމުންދާ ދުވަސްވަރެކެވެ.