ޑައިވްކުރަން ފޭބި އަންހެން ފަތުރުވެރިޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ކަނޑޫމާ ތިލައަށް "އޯސީއޭ އެމް7 އެސް" ނަމަކަށް ކިޔާ ސަފާރީގައި ޑައިވް ކުރުމަށް ފޭބި އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑަރަން އިން ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:09 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ގެއްލުނު އަންހެން ފަތުރުވެރިޔާ ޑައިވްއަށް ފޭބީ 22 ގެސްޓުން ހިމެނޭ ގުރޫޕަކާ އެކުގައި ކަމަށެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި ސަފާރީގެ ޑައިވަރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.