މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް ބާއްވަވާ މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުން، މިހަފުތާގެ ބުދަދުވަހު ބާއްވަވާގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.
މި ބައްދަލުވުން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 14:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅުއްވުމުން، ނަން ނޯޓު ކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުއްވައިލައްވާފައި ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 15 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވުމަށް ކަމާބެހޭ ފޯމު ފޮނުއްވާނީ ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މި ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.
މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.