ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވި "ވާގޯ 9" ނަމަކަށް ކިޔާ ޓަގުގެ ފަޅުވެރިން ފުރުން މަނާ ނުކުރާ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ. ނަމަވެސް އެ ބޯޓްގެ ކައްޕި އާއި ޗީފް އިންޖިނިއަރ ރާއްޖެ އިން ފުރުން ވަނީ މަނާ ކޮށްފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވި ގޮތުގައި ޓަގް ބޯޓާއި ގުޅޭ މައްސަލައެއް އެ ފަރާތުން ތަޙްޤީޤު ކުރަމުންދާތީ، އެ ތަޙްޤީޤުގެ ބޭނުމަށްޓަކައި އެ ޓަގް ބޯޓް ރާއްޖެއައުމުން ހިފަހައްޓަވައި ދެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގައި 06 އޮގަސްޓް 2019 ވަނަ ދުވަހު އެދިފައިވާކަމަށެވެ.
އެ ދުވަހުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަނެތި އެ ޓަގްބޯޓް ފުރުން ވަނީ މަނާ ކުރެވިފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ 17 އޮގަސްޓް 2019 ވަނަ ދުވަހުން ފެށިގެން ޓަގްބޯޓްގެ ކެޕްޓަންއާއި ޗީފް އިންޖިނިއަރ ފުރުން މަނާ ކޮށްފައިވާކަމަށާއި ނަމަވެސް ދެންތިބި ފަޅުވެރިން ފުރުން މަނާކޮށްފައި ނުވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެ ޓަގް ބޯޓްގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.