ކަލިނަރީ ވޯލްޑް ކަޕްގައި ބައިވެރިވާ ދިވެހި ޝެފުން ޗައިނާއަށް ފުރައިފި

ކަލިނަރީ ވޯލްޑް ކަޕްގައި ބައިވެރިވާ ދިވެހި ޝެފުން ޗައިނާއަށް ފުރައިފިއެވެ. 

"އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ދިވެހި 6 ޝެފުން ބައިވެރިވާއިރު، ދިވެހި ޝެފުން ބައިވެރިވެފައިވަނީ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

މި މުބާރާތް އޮންނާނީ މިމަހުގެ 21 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝެންޔަންގގައެވެ. މި މުބާރާތުގައި ބައިވެރިވާ ދިވެހި ޝެފުންނަކީ ފާރަފުށި މޯލްޑިވްސްގައި މަސައްކަތްކުރާ މުޙައްމަދު އާދިލްއާއި، ފޯރ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައި މަސައްކަތްކުރާ އަޙްމަދު މާޒިމްއާއި، މަލަހިނި ކުޑަ ބަނޑޮސްގައި މަސައްކަތްކުރާ ރިއްފަތު މުޙައްމަދާއި، ބަރޮސް މޯލްޑިވްސްގެ އިބްރާހިމް ނާތިފްއާއި، އޮއިޝީގެ އޯނަރު އަޙްމަދު ފަތީންގެ އިތުރުން ކަލިނަރީ ކޮންސަލްޓެންޓެއްކަމަށްވާ އިބްރާހިމް ނައީމްއެވެ.

ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕްއަކީ 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމްކުރަނީ ޗައިނާ ކުއިޒީން އެސޯސިއޭޝަންގެ ފަރާތުންނެވެ. މި މުބާރާތަކީ ޗައިނާގެ ރަހަތަކަށް ޙާއްސަކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީން ޤަބޫލްކުރާ ހަމައެކަނި މުބާރާތެކެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ކެއުންތައް ޕްރޮމޯޓްކުރުމެވެ. މި މުބާރާތުގައި ފަނޑިޔާރެއްގެ ގޮތުގައި ދިވެހި ޝެފެއްކަމަށްވާ އިސްޙާޤު ޞާލިޙް ބައިވެރިވާނޭކަމަށްވެސް ޝެފް ގިލްޑް އޮފް މޯލްޑިވްސްއިން ބުނެއެވެ.

2014 ވަނަ އަހަރުގެ ފަހުކޮޅު ޝެފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ވަނީ މީގެ ކުރިންގެ ބައިނަލްއަޤްވާމީ ކެއްކުމުގެ ގިނަ މުބާރާތްތަކެއްގައި ދިވެހި ޝެފުން ބައިވެރިކޮށް، ފަހުރުވެރި ކާމިޔާބީތަކެއްވެސް ޙާސިލްކޮށްފައެވެ.

ޗައިނާގައި ކުރިއަށްދާ މި މުބާރާތުގެ އިތުރުން އަންނަ ފެބްރުއަރީ މަހު ޖަރުމަނު ވިލާތުގައި ކުރިއަށްދާ ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވުމަށް ވެސް ޝެފް ގިލްޑް މޯލްޑިވްސްއިން ދަނީ މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް