ކ. އަތޮޅު ކަނޑޫމާ ތިލައަށް ޑައިވިންގއަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
22 މީހުންނާއެކު ޑައިވިންގއަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނީ އުމުރުން 41 އަހަރުގެ އަންހެނެކެވެ. މަޢުލޫމާތު ލިބޭގޮތުގައި މިއީ ޗައިނާގެ ފަތުރުވެރިއެކެވެ.
ގެއްލުނު ފަތުރުވެރިޔާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެފަރާތަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:10 ހާއިރުކަމަށާއި، މިހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެސަރަހަށްދަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފުންވަނީ އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބައްލަވައި ދެއްވުމަށާއި އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުމަށް އެދިފައެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ގެއްލުނު މިއަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އަދި ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް މީނާ އަޅައިގެންހުރި ކަމަށްވެސް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.