ގޭންގްތަކުން ކުށްކުރުމަށް ކުޑަކުދިން ބޭނުން ކުރުން ގާނޫނީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީން ލަފާ ދެއްވައިފިއެވެ.
ގޭންގްތަކުން ކުރާ ކުއްތަކުގައި ކުޑަކުދިން ބޭނުންކުރާތީ، އެ މައްސަލަ ދިރާސާކުރުމަށްފަހު ޖެންޑާ ކޮމިޓީން ވަނީ މައްސަލަ ދިރާސާ ކުރެއްވި ގޮތުގެ ރިޕޯޓާއި ގަރާރެއް މިއަދު މަޖިލީހަށް ހުށައަޅުއްވާފައެވެ.
މި މައްސަލަ އާއި ގުޅިގެން ހުށައެޅި ޤަރާރުގައި ހަ ކަމެއް ވަނީ ފާހަގަ ކޮށްފައެވެ.
ގަރާރުގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ، ގާނޫނު އަސާސީން ދައުލަތައް މަތިކޮށްފައިވާ ޒިންމާއެއްކަމަށާއި، އެހެންނަމަވެސް މިއަދާ ހަމައަށް ވެސް، ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމަކީ ވަކި ކުށެއްގެ ގޮތުގައި ރާއްޖޭގެ އެއްވެސް ގާނޫނެއްގައި މިހާނަތަށް ކަނޑައާޅާފައި ނުވާ ކަމެއް ކަމަށެވެ. މިކަމަކީ ވަކި އުގޫބާތެއް ކަނޑައެޅިފައި ނުވާ ކަމަކަށް ވެފައި، ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާ ނަގާ ފަރާތްތަކަށް އެއްވެސް އަދަބެއް ދެވިފައި ނުވާ ކަން މި ޤަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ. މިކަމަށް ގާނޫނީ ހައްލެއް ހޯދައި ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤަރާރުގައި ގޮވާލައިފައިވެއެވެ.
މީގެ އިތުރުން ކުޑަކުދިންނާ ބެހޭ ބިލްތައް ޑްރާފްޓް ކުރާ އިރު، ގޭންގްތަކުން ކުޑަކުދިން ބޭނުން ކުރުން އިތުރުވާ މައްސަލައަށް ރިއާޔަތް ކުރުމަށާއި، ކަމާ ގުޅުންހުރި މުއަސަސާތަކުން މައްސަލަ ހައްލުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، ކުށްކުރުމަށް ހުރި ހުރިހާ ފުރުސަތެއް ނައްތާލުމަށްވެސް ހިމަނާފައިވެއެވެ.
ކުޑަކުދިން ހައްގުތަކާ ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލާއި ތައުލީމުގެ ބިލު، ސަރުކާރުގެ ފަރާތުން މި ތިން ބިލުވެސް އެއްފަހަރާ މަޖިލީހަށް ފޮނުއްވައި ދެއްވާ އެ ބިލުތައް އަވަސްކުރުމަށާއި، މައްސަލަ ހައްލުކުރުމަށް ބަޖެޓް ހަމަޖެއްސުމަށްވެސް ޤަރާރުގައި ވެއެވެ.
ކަމާ ގުޅުންހުރި މުއަސަސާތަކުން މައްސަލަ ހައްލުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، ކުށްކުރުމަށް ހުރި ހުރިހާ ފުރުސަތެއް ނައްތާލުމުގެ އިތުރުން ސަޕްލިމަންޓަރީ ބަޖެޓް ފާސްކުރާއިރު، ޖުވެނަލް ޖަސްޓިސް ޔުނިޓަށް އެކަށީގެންވާ ބަޖެޓް ފާސްކޮށްދިނުމަށް ވަނީ އެދިލައްވާފައެވެ.
ކުޑަކުދިންގެ ޢަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ފޮނުވާފައެވެ. މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، ޢުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ހެދުމަށް ސަރުކާރަށް ލާޒިމް ވާނެއެވެ.
ޖުވެނަލް ޖަސްޓިސް ޔުނިޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެ ޔުނިޓަށް 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ކުޑަ ކުދިން ކުށް ކުރުމާ ގުޅޭ 1،280 މައްސަލަ ހުށައެޅިފައިވެއެވެ.
ވޭތުވެ ދިޔަ އަށް އަހަރަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނާ ގުޅޭ މާރާމާރީގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 25 މައްސަލަ އެ ޔުނިޓަށް ވަނީ ހުށަހެޅިފައިވެ އެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން 18 އަހަރު ނުފުރޭނަމަ އެއީ ކުޑަކުދިންނެވެ. ކުޑަކުޑިން ކުށްކުރާ މިންވަރު ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ގޭންގު ތަކުން ކުރާ ކުށްތަކުގައި ކުޑަކުދިން ވަރަށް ގިނައިން ބައިވެރި ވާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ގޭންގް މާރީމާރީތަކުގައި ކުޑަކުދިން މަރުވެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.