ފާރެއްވެއްޓި ކުޑަ ކުއްޖަކައް އަނިޔާވެއްޖެ

ލ. މާމެންދޫގައި އިމާރާތް ކުރަމުންދިޔަ ފާރެއްވެއްޓި ކުޑަ ކުއްޖަކައް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި ލ. މާމެންދޫގައި އިމާރާތް ކުރަމުންދިޔަ އިމާރާތެއްގެ ފާރު، ހަމައެ ގޯތިތެރޭގައިހުރި އެހެން އިމާރާތެއްގެ ފުރާޅުމައްޗައްވެއްޓި، ފުރާޅުގައި ޖަހާފައިހުރި ސިމެންތި ޓިނުތައް ފަޅައިގެންގޮސް ސީލިންގް އާއިއެކު ކޮޓަރިތެރެއައް ވެއްޓިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެ ކޮޓަރި ތެރޭގައި ތިބި 2 އަހަރުގެ ކުޑަ ކުއްޖާއަށާއި، 38 އަހަރުގެ ފިރިހެނަކައް ވަނީ އަނިޔާވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 13:11 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން މިހާދިސާގައި ވެއްޓިފައިވަނީ ރޭނުމަށްފަހު ނުހިކިހުރި ފާރެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވި ކުއްޖާއަށާއި ފިރިހެންމީހާއަށް ސީރިއަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ދިރިއުޅެވޭނެ ހާލަތައް އެ ގެ ގެނައުމައްޓަކައި އެ ގެ ސާފުކުރުމާއި ފުރާޅުގައި ޓިނުޖެހުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮއްދެމުންގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް