ކަޝްމީރުގެ ސްކޫލްތައް ހުޅުވައިފި ނަމަވެސް ދަރިވަރުން ސްކޫލަކަށް ނުދޭ

ކަޝްމީރުން އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދު ޖައްމޫ އެންޑް ކަޝްމީރުގެ ބައެއް ސްކޫލްތައް މިއަދު ހުޅުވި ނަމަވެސް ސްކޫލްތަކަށް ގިނަ ދަރިވަރުން ނުދާކަމަށް ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި އެސަރަހައްދުގައި ހަމަނުޖެހުންތައް ހިނގައިފާނެ ކަމަށް ބަލައި އަޅައިފައިވާ ފިޔަވަޅުތަކަށް ފަހު މިއަދު އެސަރަހައްދުގެ ބައެއް ސްކޫލްތައް ހުޅުވިނަމަވެސް ގިނަ ދަރިވަރުން ސްކޫލްތަކަށް ގޮސްފައި ނުވަނީ އެސަރަހައްދުގެ އަމާންކަން ކަށަވަރު ނުވާތީކަމަށް އެކުދިންގެ ބެލެނިވެރިން މައުލޫމާތު ދެއެވެ.

އިންޑިއާ ސަރުކާރުގެ ނިންމުމާއި ގުޅިގެން ޖައްމޫ އެންޑް ކަޝްމީރުގައިވަނީ މިދިއަ ހަފްތާގައި މުޒާހަރާތައްވެސް ކުރިއަށް ގޮސްފައެވެ. އަދި މީގެ ތެރެއިން ބައެއް މުޒާހަރާތައް ހަމަނުޖެހުން ތަކަށް ބަދަލުވެފައެވެ.

ޕާކިސްތާން، ތުރުކީ، އެމެރިކާ އަދި މިނޫންވެސް ބައެއް ބޭރުގެ ގައުމުތަކުންވަނީ އިންޑިއާގެ ނިންމުމަކީ މިސަރަހައްދުގައި ހަމަނުޖެހުން ހިނގުމަށް މެދުވެރިވާފަދަ ނިންމުމެއް ކަމަށް ބުނެ ފާޑު ކިޔައިފައެވެ.

ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގެ ހަމައެކަނި މުސްލިމް މެޖޯރިޓީ ސްޓޭޓެވެ. ނަމަވެސް އިންޑިއާގެ ގާނޫނު 360 ވަނަ މާއްދާ އުވާލުމާއި ގުޅިގެން މި މެޖޯރިޓީ ގެއްލުމުގެ ބިރު މިހާރުވަނީ ހީވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް