އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރިގަތް ޒުވާނަކު މިރޭ މަޖީދީ މަގު ލަގްޒަރީ ފިހާރަ ކައިރިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، ބިދޭސީ އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރިގަތް 18 އަހަރުގެ ދިވެހި ފިރެހެނަކު މިރޭ 19:26 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
ފޭރުނު މީހާ ހިފަހައްޓައިފައިވަނީ މަޖީދީ މަގު ލަގްޒަރީ ފިހާރަ ކައިރިން އެވަގުތު އެސަރަހައްދުގައި ހުރި އޮފް ޑިއުޓީ ފުލުހެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފޭރުނު ފައިސާ މިހާރުވަނީ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ. އަދި ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފޭރުމުގެ ހާދިސާތައް މާލޭގައި ހިނގުމަކީ އާންމު ކަމެއް ނަމަވެސް މީހުން ގިނަ މަޖީދީ މަގުގައި މިފަދަ ހާދިސާތައް ހިނގަނީ ވަރަށް މަދު ފަހަރަކު އެވެ.