ޖިބްރޯލްޓަރގެ ސުޕްރީމް ކޯޓުން އީރާނުގެ ގްރޭސް 1 ގެ ނަންދީފައިވާ ތެޔޮ ޓޭންކަރު ދޫކޮށްލުމަށް ކުރި ހުކުމާއެކު އެ ތެޔޮ ޓޭންކަރު އިއްޔެ ހަވީރު ފުރައިފި އެވެ.
ޖިބްރޯލްޓަރގެ ބޭރުން ދަތުރުކުރަމުން ދަނިކޮށް މިދިޔަ މަހު ހަތަރުވަނަ ދުވަހު މި ތެޔޮ ޓޭންކަރު ހިފަހައްޓައިފައިވަނީ ގަވާއިދާއި ހިލާފަށް ސީރިޔާއަށް ތެޔޮ އެތެރެކުރާ ކަމަށް ޝައްކު ކުރެވިގެންނެވެ.
ގްރޭސް 1 ފުރުމުގެ ހުއްދަ ޖިބްރޯލްޓަރގެ ސުޕްރީމް ކޯޓުން ދީފައިވަނީ ތެޔޮ ޓޭންކަރުގައި ހުރި ތެލަކީ ސީރިއާއަށް އެތެރެކުރާ ތެޔޮ ނޫންކަން އީރާނުގެ ސަރުކާރުން ކަށަވަރު ކޮށްދިނުމާއި ގުޅިގެންނެވެ.
ޖިބްރޯލްޓަރ ސަރުކާރުން ތެޔޮ ޓޭންކަރު ދޫކޮށްލުމަށް ނިންމުމާއި ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ޓޭންކަރު ހިފެހެއްޓުމަށް އަމުރު ނެރެފަ އެވެ. ނަމަވެސް މި އަމުރަށް ބޯލެނބުމެއް ނެތި ޖިބްރޯލްޓަރ ސަރުކާރުންވަނީ ތެޔޮ ޓޭންކަރު ފުރުވާލައިފައެވެ.
އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމާއި ގުޅިގެން ހަރުމޯޒު ކަނޑައޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް އީރާނުގެ ރިވަލިއުޝަނަރީ ގާޑުން ހިފަހައްޓައިފައި ވެއެވެ.