ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ ދެ މަރުކަޒު ކަމުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތިގެ 179 މުވައްޒަފަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް މިއަދު ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީ އަދި ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މަޤްޞަދަކީ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ
މި ޕްރޮގްރާމްގައި ކުޑަކުދިންގެ ހިޔާގެ 67 މުވައްޒަފަކާއި ފިޔަވަތިގެ 112 މުވައްޒަފުން ބައިވެރިވެގައިވެއެވެ.
3 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ޖުމުލަ 8 ދާއިރާއަކުން ސެޝަންތައް ކުރިއަށް ގެންދިޔުމަށް ގަސްދުކުރެވިފައިކަމަށް ޖެންޑާ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި 8 ދާއިރާއަކީ، ޕޭރެންޓިންގ ސްކިލްސް، ކެއަރ ވަރކާސް – ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް، ޗައިލްޑް ސައިކޮލޮޖީ އެންޑް ސޯޝަލް ވަރކް ތިއަރީ، ސައިކޯ ސޯޝަލް އެޕްރޯޗަސް، ކޮމިއުނިކޭޝަން ސްކިލްސް އެންޑް ޓޫލްސް، އެޑިޝަނަލް ރެސްޕޮންސިބިލިޓީސް އެންޑް މެނޭޖީރިއަލް ރޯލްސް، މެންޓަލް ހެލްތު އެންޑް ވެލްބީންގ، އިމޯޝަނަލް ހެލްތު އަދި އިޝޫޒްޑިސްއެބިލިޓީސް އެންޑް ލަރނިންގ ޑިފިކަލްޓީސް އެވެ.
މި ޕްރޮގްރާމްތަކުގައި މަރުކަޒުތަކުގެ ހުރިހައި ފަންތިއެއްގެ މުވައްޒަފުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ސެޝަންތައް ނަންގަވައި ދެއްވާނީ ފަންނީ ފަރާތްތަކުން މިނިސްޓްރީއާއި، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތިގައެވެ. އަދި 12 އަހަރުން މަތީގެ 44 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގައެވެ.