ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކު ސިޓީގައި އިމާރަތް ކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓް އާންމުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގައި އިމާރަތްކޮށްފައިވާ 200 ޕްލެޓްގެ ތެރެއިން 140 ފުލެޓަށް ކުރިމަތި ލުމުގެ ފުރުޞަތު އެ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ. އެގޮތުން ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްސަ (ކެޓަގަރީ، އޭ) ގެ ގޮތުގައި 120 ފްލެޓު ވަނީ ހަމަޖައްސާފައެވެ. އަދި ފުވައްމުލަކު ސިޓީއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް (ކެޓަގަރީ، ބީ) އަށް ވަނީ 20 ފުލެޓް ޚާއްސަ ކޮށްފައެވެ.
އެ ކައުންސިލުން ހުޅުވާލި ފުރުޞަތުގައި ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން ކެޓަގަރީ، އޭ އަށް ވަނީ 138 މީހަކު ޝަރުތު ހަމަވެފައެވެ. އަދި ކެޓަގަރީ، ބީއަށް 15 މީހަކު ޝަތުރު ހަމަވެފައިވެއެވެ.
އެ ކައުންސިލުން އާންމުކޮށްފައިވާ ލިސްޓްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޝަތު ވަނީ ހުޅުވާލައިފައެވެ. ޝަކުވާ ހުށައެޅުމުގެ ސުންގަޑިއަކީ 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށެވެ.
އެ ކައުންސިލުން ބުނެފައިވާ ގޮތުގައި ފައިނަލް ލިސްޓް އާންމު ކުރާނީ އެ ލިސްޓަށް ހުށައެޅޭ ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ.
ފުވައްމުލަކު ސިޓީގައި އިތުރު ހައުސިންގ ޔުނިޓްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.