ގިނަ އަދެއްގެ މަސްތުވާ ތަކެއްޗާއެކު މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
މަސްތުވާ ތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 46 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
46 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އިއްޔެ 18:50 އެހާކަންހާއިރު ރަތްވިލާ ހިނގުމުންނެވެ. މި މައްސަލާގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ރަބަރު ޕެކެޓްވަނީ ފެނިފައެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އޭނާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން އޭނާ އެވަގުތު ހުރިދިމާ ބިންމައްޗަށް އެއްޗެއް ވައްޓާލުމުން ފުލުހުން އެތަން ބެލިބެލުމުންނެވެ.
25 އަހަރުގެ މީހާއާއި 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 20:12 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ.
ސައިކަލެއްގައި ދަނިކޮށް މާލޭ މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ބުލެޓު ފެނިފައިވެއެވެ. އަދި އެތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވަތާކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިން ކޮޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ވަނީ ފެނިފައެވެ.
18 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާފުށި ޖަލަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ 11:05 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުއްޕާހަމެއް ވަނީ ފެނިފައެވެ.
މި މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.