މެލޭޝިޔާގެ ހިންދީ ދީނަށް ނިސްބަތްވާ މީހުންނާއި އަދި ޗައިނާ ދަރިކޮޅަށް ނިސްބަތްވާ މީހުންނާއި ބެހޭ ގޮތުން މެލޭޝިޔާގައި ދިރިއުޅެމުންދާ އިންޑިއާގެ ދީނީ އިލްމްވެރިޔާ ޑރ. ޒާކިރު ނައިކު ދެއްކެ ވާހަކަތަކަށް މާފަށް އެދެފިއެވެ.
ޒާކިރު ނައިކް ވިދާޅުވެފައި ވަނީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ވުރެ މެލޭޝިއާގެ ހިންދޫންނަށް ލިބިފައިވާ ހައްގުތައް 100 ގުނަ އިތުރު ކަމަށެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ މެހުމާނުންތަކެއް ކަމަށާއި އެ މީހުން މެލޭޝިއާ އިން ދާން ޖެހޭ ކަމަށް ވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފަ އެވެ.
ޒާކިރު ނައިކު މިކަމަށް މާފަށް އެދެމުން މިއަދު ބުނެފައިވަނީ، "އަޅުގަނޑު ދެއްކި ވާހަކަތަކުގެ މަގުސަދަކީ އެއްވެސް ހާލެއްގައި އެއްވެސް ބަޔަކު އަދި އެއްވެސް މީހަކު ހިތުގައި ޖައްސައި ދެރަކުރުމެއް ނޫން" ކަމަށެވެ. އަދި "މީހުންގެ ހިތުގައި ޖައްސައި ވާހަކަ ދެއްކުމަކީ އިސްލާމްދީނުގެ މަގުސަދާއި ހިލާފު ކަމެއް، އަޅުގަނޑު ދެއްކި ވާހަކަ ތަކުން އެއްވެސް ބަޔަކު ހިތްހަމަ ނުޖެހޭނަމަ އެކަމަކަށް މާފަށް އެދެން" ކަމަށެވެ.
މާފަށް އެދި ޒާކިރު ނައިކު ވާހަކަ ދައްކައިފައި މިވަނީ، މެލޭޝިއާގެ މައިނޯރިޓީ ގުރޫޕުތަކާއި ގުޅޭގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން މެލޭޝިއާ ސަރުކާރުގެ ބައެއް ކެބިނެޓް މިނިސްޓަރުން ޒާކިރު ނައިކު މެލޭޝިއާއިން ބޭރުކުރުމަށް ގޮވާލައިފައި ވަނިކޮށެވެ. އަދި މެލޭޝިޔާ ފުލުހުންވެސްވަނީ ޒާކިރު ނައިކު ދެއްކި ވާހަކަތަކާއި ގުޅިގެން ސުވާލުވެސް ކޮށްފައެވެ.
މެލޭޝިޔާގެ މެޖޯރިޓީ އަކީ މުސްލިމުންނެވެ. މިގޮތުން 32 މިލިއަން މީހުން ދިރިއުޅެމުންދާ މެލޭޝިޔާގެ އާބާދީގެ 60 އިންސައްތައަކީ މުސްލިމުންނެވެ. މުސްލިމުންގެ މެދުގައި ޒާކިރު ނައިކުއަކީ މަގުބޫލު ފަރާތެކެވެ. މިގޮތުން ޒާކިރު ނައިކުގެ ވާހަކަތައް އަޑުއެހުމަށްޓަކައި އެތައްހާސް މީހުންނެއް ޖަމާވެއެވެ.