ހަނދުގެ އޯބިޓަށް އިންޑިއާގެ ޖައްވީ އުޅަނދު ވަދެއްޖެ

މިދިއަ މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ކާމިޔާބު ކަމާއެކު އުދުއްސާލި ޖައްވީ އުޅަނދު ޗަންދުރަޔާން-2 ހަނދުގެ އޯބިޓަށް ވަދެފައި ވާކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއަން ސުޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ބުނެފައިވަނީ އިންޑިއާ ގަޑިން މިއަދު 09:02 ގައި ޖައްވީ އުޅަނދު ޗަންދުރަޔާން-2 ހަނދުގެ އޯބިޓަށް ވަދެފައި ވާކަމަށެވެ. އަދި ޕުލޭން ކުރެވިފައިވާ ގޮތަށް ހުރިހާ ކަމެއް ހިނގާނަމަ މިއަންނަ މަހު ހަތްވަނަ ދުވަހު ހަނދުގެ ސައުތު ޕޯލްގައި އުޅަނދު ޖައްސާނެ ކަމަށެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ހަނދަށް އުޅަނދެއް ފޮނުވާލައިފައިވަނީ 2008 ވަނަ އަހަރު އެވެ. ޗަންދުރަޔާން-1 ނަމަކަށް ކިޔާ މިއުޅަނދު ހަނދުގައި ނުޖެއްސި ނަމަވެސް ރާޑަރު ބޭނުންކޮށްގެން ހަނދުގައި ފެންހުރިތޯ ބަލާފައިވެއެވެ.

ޗަންދުރަޔާން-2 ހަނދުގައި ޖައްސައިފިނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅަނދެއް ޖައްސާ ހަތަރުވަނަ ގައުމަށެވެ. އަދި ހަނދުގެ ސައުތު ޕޯލްގައި އުޅަނދެއް ޖައްސާ ފުރަތަމަ ގައުމަށެވެ.

މީގެ ކުރިން ހަނދަށް އުޅަނދެއް ފޮނުވައިފައިވަނީ އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް