ޑޮލަރު ގަތުމަށްކަމަށްބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ދީފައިވާ ފައިސާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، އެމްޕީއެލްއަށް ދައްކަންޖެހޭ 6.3 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް އެކުންފުންޏަށް ދައްކާފައިވަނީ ހަތްހާސް އަށްސަތޭކަ ހަތް ހާސް ޑޮލަރު ކަމަށާއި، އިތުރަށް 5.5 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ.
2014 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް ނެރެފައިވާ އެމްއެމްޕީއާރުސީގެ ޚާއްޞަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޑޮލަރު ގަތުމަށްކަމަށް ބުނެ އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް 77.1 މިލިޔަން ރުފިޔާ ދޫކުރަން އެއްބަސްވެފައިވާކަމަށެވެ.
އެމްޕީއެލްއަށް ފައިސާ ދައްކަންޖެހޭ މައްސަލަ ކޯޓް މަރުހަލާގައި އޮތްއިރު، ޠައްޔިބު ވިދާޅުވީ، ފިނޭންސް މިނިސްޓްރީންވެސް ބައިވެރިވެގެން ބާއްވާ ކޯޓުން ބޭރުން އެމައްސަލަ ހައްލުކުރުމުގެ މަޝްވަަރާތަކުގެ ފުރަތަމަބުރު މިހާރު ނިމިފައިވާކަމަށެވެ.
"ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރެވެމުންދަނީ. މިހާރު މި މަޝްވަރާތައް އޮތީ، އެމްޕީއެލްއިން އެދެނީ ފައިސާ ދައްކަން. އެކަމު އަޅުގަނޑުމެންގެ އަތަކު ފައިސާއެއް ނެތް. ދައްކަންވެސް މިޖެހެނީ ދައުލަތުގެ ފައިސާ." ޠައްޔިބު ވިދާޅުވިއެވެ.
އެ އޮޑިޓް ރިޕޯޓްގައި އެމްއެމްޕީއާރުސީއަށް ޑޮލަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށާއި އެމްޕީއެލަށް ލިބެންޖެހޭ ފައިސާ ދައުލަތުން ހޯދަންޖެހޭކަމަށް ބުނެފައިވާއިރު، އޭސީސީން އަންނަނީ ކޮރަޕްޝަނުގެ އެ މައްސަލަ ބަލަމުންނެވެ.
އެމްޕީއެލްގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެފައިވަނީ، ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެޑްވާންސްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ކުންފުނީގެ ލިޔެކިއުންތަކުން އެނގެން ހުރިކަމަށެވެ.