ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާފަންނު ގެއަކުން އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާފަންނު ގެއެއް ބަލާފާސްކޮށް މަސްތުވާތަކެއްޗާއެކު 30 އަހަރުގެ އަންހެނަކު ހައްޔަރުކުރީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި 2019 އޮގަސްޓް 20 ވަނަ ދުވަހުގެ 12:45 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެގެ ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
"ކޯޓު އަމުރެއްގެ ދަށުން މި މީހާ ދިރިއުޅޭ ގެ ބަލާފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 2 ބުލެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފުއްޕާހަމަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 7 ރަބަރު ޕެކެޓް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ބިޑިއެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފެނުނު ތަކެތީގެ ތެރޭގައި 75ގ ހެރޮއިން އަދި 17ގ ކެނަބިސް ހުރިކަން ވަގުތީ ބަރުދަނުން ދައްކާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިިކުރާ އަންހެނަކު މާލެއިން ހައްޔަރުކުރިއިރު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހުން މިމަހުގެ ކުރީކޮޅު ލ.ގަމުންވެސް ހައްޔަރުކޮށްފައިވެއެވެ.