އަލަށް ރިސޯޓު ހަދަން މާލެ އަތޮޅުން ރަށް ދޫނުކުރަން ނިންމައިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ، އަލަށް ރަށްތައް ދޫކުރާއިރު، މާލެ އަތޮޅުން ރަށް ދޫނުކުރަން ނިންމީ މާލެ އަތޮޅުގައި ނުހެދި ގިނަ ރަށް ތަކެއް ހުރުމާއި ގިނަ ރަށް ތަކެއް ދޫކޮށްފައިވާތީ ކަމަށެވެ.
ސަރުކާރުން ރިސޯޓު ހަދަން އިތުރު ރަށްތަކެއް މާކެޓަށް ނެރެން ނިންމާފައިވާއިރު، ރަށްތަކުގެ "އިނީޝަލް އެންވަޔަރަންމަންޓް އެސެސްމަންޓާއި ސޯޝިއޯ އިކޮނޮމިކް އެސެސްމަންޓް" އެއް ހަދަންވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
"އިނީޝަލް އެންވަޔަރަންމަންޓް އެސެސްމަންޓާއި ސޯޝިއޯ އިކޮނޮމިކް އެސެސްމަންޓް" ހަދަން ނިއްމާފައިވާއިރު، އެކަން ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
މި ދިރާސާ ހެދުމުގެ ބޭނުމަކީ ރަށް މާކެޓަށް ނެރުމުގެ ކުރިން އާއްމުންގެ ހިޔާލާއި ތިމާވެށީގެ ދިރާސާ ހަދައި ބެލުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި ރަށްތައް ދޫކުރާއިރު، ވިސްނާފަވަނީ ޓޫރިޒަމް ނެތް ހިސާބުތަކުން ރަށް ދޫކުރަން ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.