މާލޭގައި މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނިންދޭ މައުލޫމާތާ އެއްގޮތަށް މާލޭ މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހިޅުވިފައިވާކަމަށެވެ.
އިއުލާނުގައި ބުނެފައިވަނީ، ބީލަމުގައި ބައިވެރިވެވޭނީ ބީލަން ފޮތަށް ފައިސާ ދައްކާ ފަރާތްތަކަށް ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 500 ރުފިޔާ ކަމަށެވެ.
އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބަލައިގަންނާނެކަމަށް އިއުލާނުގައިވެއެވެ.
މީގެއިތިރުން، ބިޑް އެވޯޑު ކުރެވޭ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސެންޓް، 14 ދުވަހުގެ ތެރޭގައި ދަައްކަން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ޕްރީ ބިޑް މީޓިން އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ބިޑް ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 11:30 ގައެވެ.