ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި ޖޭއެސްސީގެ މެންބަރުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ، ޖޭއެސްސީގެ މެމްބަރަކަށް ވުމަށް ބޭނުންވާ އެންމެ ދަށް އުމުރަކީ 30 އަހަރު ކަމަށްވެސް ފާސްކޮށްފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ހުށައެޅި މި އިސްލާހު ފާސްކޮށްފައިވަނީ މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގައި 62 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ހުށަހެޅުއްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.
މީގެ އިތުރުން ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފެއްދުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ކުރިން ޖުޑީޝަރީ ކޮމިޓީން ވަނީ ޖޭއެސްސީގެ މެންބަރަކަށް ވެވޭ އުމުރަކީ 40 އަހަރުކަމަށް ނިންމާފައެވެ. ނަމަވެސް ބާ ކައުންސިލަށް ނުފެންނާތީ، ޖޭއެސްސީގެ މެންބަރަކަށް ވެވޭ އުމުރު 30 އަހަރަށް ހެދުމަށް އެ ކޮމިޓީން ފަހުން ވަނީ ނިންމާފައެވެ.