މާލެ ސިޓީ ކައުންސިލަށް ދިމާވާ މައްސަލަތައް ނައިބު ރައީސާ ހިއްސާކުރައްވައިފި

މާލެ ސިޓީ ތަރައްގީކުރުމުގައި ދިމާވާ މައްސަލަތައް ނައިބު ރައީސް ފައިސަލް ނަސީމާ، މާލެ ސިޓީ ކައުންސިލުން މިއަދު ހިއްސާކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރީގެ ސަރުކާރުން ސިޓީ ކައުންސިލުގެ އަތުން ނަގާފައިވާ ބައެއް ބާރުތައް ސިޓީ ކައުންސިލަށް އަނބުރާ ހޯދައިދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މާލެ ސިޓީގައި ހުރި ދަތިމައްސަލަތައް ޙައްލުކުރުމުގައި ކުރެވިދާނެ ކަންކަމާ، މާލޭގެ ތަރައްޤީއަށް މުހިންމު ބައެއް ކަންކަމާ ބެހޭގޮތުން ކައުންސިލަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ.

މި ކަންކަމުގެ ތެރޭގައި މާލެ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމާއި ވެހިކަލް ޕާކްކުރުމުގައި ހުރި ދަތިތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަންހުރި ކަންކަމާ އަދި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް، މާލެއަށް ބޭނުންވާ ތަރައްޤީގެ އެކިއެކި ކަންކަމާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި އެންމެބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫޢުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި އެހެން ކައުންސިލަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ