ރާއްޖޭގައި ފަތުރުވެރިކަމަށް 49 ހާހަށް ވުރެ ގިނަ އެނދު ރަޖިސްޓްރީކޮށްފައިވާކަމަށް ޓްވަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް 49،095 އެނދު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރެއިން ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 45،983 އެނދު އޮޕްރޭޓް ކޮށްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއަހަރުގެ ޖުލައި މަހުގެ މަހުގެ ނިޔަލަށް އެވްރެޖްކޮށް ފަތުރުވެރިޔަކު ރާއްޖޭގައި ހޭދަކޮށްފައިވަނީ 6.3 ދުވަސް ކަމަށްވެސް އެ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުގައިވެއެވެ. އަދި މި މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން އެނދު ބޭނުން ކޮށްފައިވާ ނިސްބަތަކީ %64.4 ކަމަށާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ %13.9 އިތުރުވެފާކަށް ވެސް ވެއެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޔޫރަފްގެ ޤައުމުތަކުންނެވެ. އެގޮތުން %49 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޔޫރަޕުންނެވެ. ޔޫރަޕުން ވަނީ 487،165 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އެއީ ފާއިތުވި އަހަރާ އަޅާ ބަލާއިރު %16 ގެ ކުރިއެރުމެކެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާ ޗައިނާ މާކެޓުންނެވެ. %17.4 ހިއްސާ ކުރަނީ ޗައިނާ މާކެޓެވެ. ޗައިނާ މާކެޓުން ވަނީ 172،834 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. އެއީ %7.6 ގެ ކުރިއެރުމެކެވެ.
ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ މާކެޓްގެ ތެރެއިން އިންޑިއާ މާކެޓް ވަނީ، ޖޫންމަހާއި އެއްފަދައިން ޖުލައި މަހުވެސް 2 ވަނައިގައި ހިފެހެއްޓިފައެވެ. ޖުލައި މަހު އިންޑިއާއިން ވަނީ 93،175 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ. މިއީ %99.2 ގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް މިލިއަނަކަށްވުނެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ.