ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ސިއްރު ހެކީން ހާޒިރު ނުކުރެވި، ހެކިންގެ ހެކި ބަސް ނެގުން ފަސްކޮށްފިއެވެ.
މިއަދު އޮތް އަޑުއެހުމަށް ހެކިން ހާޒިރު ނުކުރެވުމުން ހެކި ބަސް ނެގުން ވަނީ މި މަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މި މައްސަލަ ބައްލަވާ ގާޟީ، ޢަލީ ރަޝީދު ޙުސައިން، ހެކިން ހާޒިރު ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރުމުން ދައުލަތުން ވިދާޅުވީ، ހެކިންނަށް ބަޔަކު ނުފޫޒު ފޯރުވަމުންދާ ކަމަށެެވެ.
އަދި އެ މީހުން ކުރިން ސިއްރު ހެކިބަސް ދޭން އެއްބަސްވި ކަމަށާއި، ނަމަވެސް މިހާރު ނުފޫޒު ފޯރުވަމުންދާޓީ ހާޒިރު ނުކުރެވެނީ ކަމަށެވެ. އަދި އެމީހުންނަނީ ސިއްރުން ހެކިބަސް ދިނުމަށް އެއްބަސްވެ އެކަމާއި ގުޅިގެން ފުލުހުންނަށްވެސް އެކަމާއި ގުޅޭ ބަޔާންތައް ދީފައިވާ ފަރާތްތައް ކަމަށްވެސް ދަޢުލަތުން ފާހަގަ ކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ، އިސްމާޢިލް ރަޝީދުގެ ވަކީލް، މަޢުމޫނު ޙަމީދު ވިދާޅުވީ، 7 އޯގަސްޓުގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި، ސިއްރު ހެކިވެރިންނާއި، ފުލުހުންގެ ފަރާތުން ހެކިންގެ ގޮތުގައި ހެކިބަސް ދޭނެ ފަރާތްތައް ހާޟިރުކުރާނެ ކަމަށް ދަޢުލަތުން ވިދާޅުވި ކަމަށާއި، ނަމަވެސް އެފަރާތްތައް ހާޟިރު ކުރެވޭނެ ކަންވެސް ނުބަތަ ނޫންކަންވެސް ކޯޓުން އަންގާފައި ނުވާ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅިގެން ދަޢުލަތުން ވިދާޅުވީ، މިމަހުގެ 19 ވަނަ ދުވަހު ހެކިންގެ މަޢުލޫމާތު ކޯޓާއި ހިއްސާ ކޮށްފައިވާނެ ކަމަށާއި، ހެކިން ހާޟިރުކުރުމުގައި ދިމާވި ދަތިތައްވެސް ކޯޓާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އެއާއެކު މައުމޫން ހަމީދު ވިދާޅުވީ، ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ދައުލަތުގެ ފަރާތުން އެ ވިދާޅުވީ އާދައިގެ ވާހަކަތަކެއް ނޫން ކަމަށާއި އެކަމުގެ ތަފްސީލު ކޯޓާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. މައުމޫނުގެ އިތުރުން އެހެން ދިފާއީ ވަކީލުންވެސް އެ ނުކުތާ ފާހަގަކުރި ނަމަވެސް ދައުލަތުގެ ވަކީލު އެކަމުގެ ތަފްސީލެއްވެސް ނުދެއްވައެވެ. އަދި ޝަރީއަތުން ގާޒީވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް ކަމެއް އޮޅުން ނުފިލުއްވައެވެ.
ރަހުމު ކުޑަ ގޮތަކަށް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުއެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.