ކަނޑުއަޑީގެ ރީތިކަން ދައްކުވައިދޭ ހިތްގައިމު މައުރަޒެއް

ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތި ހިތްގައިމުކަން ދައްކުވައިދޭ މައުރަޒެއް ނެޝަނަލް އާޓް ގެލެރީގައި ފަށައިފިއެވެ.

'އަންޑަރވޯޓަރ ވޯލްޑް އޮފް މޯލްޑިވްސް އެންޑް ކްރާފްޓް ވަރކްސް ބައި ޑރ. ނާއިލާ' ގެ ނަމުގައި ކްރާފްޓްސް އެންޑް ކްރިއޭޝަންސްއިން ބާއްވާ މިމައުރަޒު މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙްގެ ދެކަނބަލުން ހުޅުއްވައިދެއްވި މިމައުރަޒު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މިރޭ މިމައުރަޒު ކުރިއަށްދާނީ 20:00 ން 22:00 އަށެވެ.

މިމައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުންވަނީ މިފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. ރައީސްގެ ދެކަނބަލުންގެ އިތުރުން މިނިސްޓާ އޮފް އާޓްސް އެންޑް ކަލްޗާ ޔުމްނާ މައުމޫން ވެސް މިރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައެވެ.

އަދި މިމައުރަޒު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ސޯލިހުގެ ދެކަނބަލުންނަށްވަނީ ހަނދާނީ ހަދިޔާއެއްވެސް އަރުވާފައެވެ.

މާދަމާ ތިން ގަޑިއެއްގައި މިމައުރަޒު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، އެއީ ހެނދުނު 09:00 ން މެންދުރުފަހު 02:00 އަށާއި، ހަވީރު 04:00ން 06:00 ގެ އިތުރުން ރޭގަނޑު 20:00ން 22:00 އަށެވެ.

މީގެއިތުރުން ހުކުރު ދުވަހު ދެގަޑިއެއްގައި މިމައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެއީ ހަވީރު 04:00ން 06:00 އަށާއި، ރޭގަނޑު 20:00ން 22:00 އަށެވެ.

އަދި ހަތަރުވަނަ ދުވަހުވެސް މިމައުރަޒު ދެގަޑިއެއްގައި ހުޅުވާލެވިފައިހުންނާނެއެވެ. އެގޮތުން ހެނދު 10:00ން މެންދުރު 12:00ށް މިމައުރަޒު ހުޅުވިފައި ހުންނައިރު ހަވީރު 04:00ން ހަވީރު 06:00ށްވެސް މިމައުރަޒު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިމައުރަޒު ނިސްބަތްވާ ޑރ. ނާއިލާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑޮކްޓަރެވެ. އަދި މިއީ ނާއިލާގެ ކުރެހުންތަށް އާންމުނަށް ދައްކާލުމުގެ ގޮތުން ބާއްވާ މިފަދަ ތިން ވަނަ ފޮޓޯ މައުރަޒުކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް