ޑެންމާކުގެ ބެލުމުގެ ދަށުގައިވާ ގުރީންލޭންޑް އެމެރިކާއަށް ވިއްކުމާއި ޑެންމާކުން ދެކޮޅު ހެދުމުން ޑެންމާކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ކުރަން ނިންމެވި ދަތުރުފުޅު ކެންސަލް ކޮށްފިއެވެ.
ޓުވިޓަރގައި މިއަދު ކުރި ޓުވީޓެއްގައި ޓުރަމްޕް ބުނެފައިވަނީ، "ގްރީންލޭންޑް ވިއްކުމާ ބެހޭ މަޝްވަރާ ނުކުރައްވާނެ ކަމަށް ޑެންމާކްގެ ބޮޑުވަޒީރު ވިދާޅުވުމުން، މީގެ ދެ ހަފްތާ ފަހުން ބާއްވަން އޮތް އަޅުގަނޑުމެންގެ ބައްދަލުވުން އެހެން ދުވަހަކަށް ފަސް ކުރަން ނިންމައިފިން،" ކަމަށެވެ.
މިމައުޟޫގައި ޓުރަމްޕް އިތުރަށް ވިދާޅުވެފައިވަނީ، ޑެންމާކުގެ ބޮޑުވަޒީރު ގުރީންލޭންޑް ނުވިއްކަވާނެކަން ސީދާސީދަލަށް ބުނުމުން ބޮޑު ޚަރަދަކުންނާއި އަދި އެތަކެއް މަސައްކަތްތަކެއް ކުރުމުން އެމެރިކާ އަދި ޑެންމާކް ސަލާމަތް ވެފައި ވާކަމަށާއި މިކަމާއި ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޑެންމާކުގެ ރާނީގެ ދައުވަތަކަށް ޓުރަމްޕް އަދި ޓުރަމްޕުގެ އަނބިކަނބަލުން ޑެންމާކުގެ ކޯޕަންހޭގަން އަށް ވަޑައިގަތުމަށް މީގެ ކުރިން ނިންމަވައިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.