މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލާން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ބާއްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމަކީ ޚާއްޞަ އިނާމަށް ނަން ހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ބައްދަލުވުމުގެ ބައިވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވާ، އިނާމަށް ކުރިމަތިލުމަށް ހިއްވަރުދެއްވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އިނާމަށް ނަން ހުށައެޅުމަށް ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތަކާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުއްވައިލައްވާފައި ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 15ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.