ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިޔަށްދަނީ ސެކިއުރިޓީ އެސެސްމެންޓެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ އެއަރޕޯޓުން އައިއީޑީ ބޮމެއް ފެނިފައިވާކަމަށްބުނެ މީސްމީޑިއާގައި މިހާރު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
މިގޮތުން ފުލުހުން ބުނެފައިވަނީ، އެއަރޕޯޓުގައި މިރޭ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވަނީ ސަލާމަތީ ބާރުތައް ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމެންޓަކާއި ގުޅިގެން އެފަދަ ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށްޓަކައި ކަމަށެވެ.
އަދި މިއީ ވަކި ހާއްސަ ނުރައްކަލަކާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެއް ނޫން ކަމަށެވެ.
ފުލުހުން މިރޭވަނީ އެއާޕޯޓަށް ދާ ބްރިޖް ސަރަހައްދުގައި ހާއްސަ ޗެކް ޕޮއިންޓެއް ބަހައްޓާފަ އެވެ. އަދި ސިފައިން އެއާޕޯޓްގައި ހަރަކާތްތެރިވާ މިންވަރުވެސްވަނީ އިތުރު ކޮށްފައެވެ.
އެއަރޕޯޓުގައި ފުލުހުން މިހާރު ކުރިއަށްގެނދާ ހާއްސަ ސެކިއުރިޓީ އެސެސްމެންޓާއި ގުޅޭ ހަރަކާތްތައް ނިމުމަކަށް ގެނައުމަށް ހަމަޖެހިފައިވާ ވަކި އިރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.