ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގައި ހެކިބަސް ދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ލިބުނު ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުންނެވެ.
އަދީބު ވިދާޅު ކޯޓުގައި ހެކިބަސް ދީފިނަމަ ޖަލުގައި މަރާލާނެ ކަމަށާއި، ކާއެއްޗެއްސަށް ވިހަ ލައިގެން ވެސް މަރާލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.
އަދި އެކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާ ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
ނަމަވެސް، މަރުގެ އިންޒާރު ލިބުނީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފިނަމަ ކަމެއް، ނުވަތަ ޔާމީން ސަލާމަތް ވެދާނެ ފަދަ ގޮތަކަށް ހެކިބަސް ދީފިނަމަ ކަމެއް ވެސް އަދީބު ވިދާޅެއް ނުވެއެވެ.
މިއަދު ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަނީ ދިވެހި ރައްޔިތުންގެ ހައްޤުގައި ތެދުބަހުން ކަމަށް މިއަދުގެ ޝަރީއަތުގައި އަދީބު ވިދާޅުވިއެވެ.