ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ޖަޒީރާ ރަށްތައް އެކަހެރިކުރުން ހުއްޓުވޭނީ، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން - ރައީސް

މައި ސަރުކާރުގެ ދަށުގައި މި ރާއްޖޭގެ މި ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް، ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް، ނިމުމެއް ގެނެސް އެކަން އެންމެ ރަނގަޅަށް ކުރެވޭނީ، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ "އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޭނުންވާ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރު އެކުލަވާލެވި ޑްރާފްޓް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިބިލް ހުށައެޅިގެންދާނީ މިއަދު ފަށާ ކޮންފަރެންސްގައި ބައިވެރިން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް އިޞްލާޙުތައް ގެންނަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުން ހިމެނޭކަމުގައި ވިދާޅުވިއެވެ. "ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އަޅުގަނޑުމެން އެދޭ ބަދަލެއް ނުފެންނާނެ" ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖްތިމާޢީ މައްސަލަތައް ހައްލުކުރެވެން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްޤީކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެންކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި، މިހުރިހާ ކަމެއް ކުރެވޭނީ، ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްގެންކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް