ފުވައްމުލަކު ސިޓީގައި އަޅާ 800 ހައުސިންގް ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިރިއުޅުމަށް ގޯތި ލިބި ގެދޮރު ނޭޅިވާ ފަރާތްތަކަށް ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ 800 ހައުސިންގ ޔުނިޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މި ހައުސިންގ ޔުނިޓްތަކަކީ ދެކުނުގެ ސަރަހައްދުގައި ފަހިދިރިއުޅުން މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 5000 ހައުސިންގ ޔުނިޓުގެ ތެރެއިން ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ 800 ހައުސިންގް ޔުނިޓެވެ. މިހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުން މަދުވެގެން 900 އަކަފޫޓޫ ބިމެއް އޮންނަން ޖެހެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ދިރިއުޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް މި މަޝްރޫޢުގެ ދަށުން ގެ އެޅުމަށް ވަނީ ހަމަޖައްސަވައިފައެވެ. މިމަޝްރޫގެ ދަށުން ގެދޮރުއަޅާ ފަރާތްތަކަށް ޑައުން ޕޭމެންޓް ދައްކާކަށް ނުޖެހޭނެއެވެ. އަދި ފައިސާ ދައްކަން ޖެހޭނީ ގެއަޅައި ނިމި ގެ ހަވާލު ކުރެވުމުންނެވެ. ފައިސާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މިމަޝްރޫޢުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކުން "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިމާރާތްނުކުރެވި ހުރި ހުސް ގޯތިތަކުގައި ގެ އެޅުމަށް އެދޭ ފޯމް" 08 ސެޕްޓެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް އެ ކައުންސިލުން ވަނީ ދަންނަވާފައެވެ.

މިމަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާއި ބެހޭ އުސޫލް އެ ކައުންސިލްގެ ނޯޓިސް ބޯޑުގައި ވަނީ ބެހެއްޓިފައި ކަމަށާއި، އަދި އެ އިދާރާގެ ކައުންޓަރުން  މި އުޞޫލު ލިބެން ހުންނާނެ ކަމަށްވެސް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުން “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގައި އިމާރަތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން 140 ފުލެޓަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައި އެ ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓް ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޝަތު ވަނީ ހުޅުވާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ