ޝިމާ ހޯދަން މިއަދު އެކަނިވެސް ފަސް މޭލު ބަލައިފި، ހިލަމެއް ނުވި!

ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫ އަށް ދަތުރުކުރަމުންދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީއިން ގެއްލުނު، އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް މޯލްޑިްވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެމްޑީއެފްގެ އިންފޮމޭޝަން އޮފިސަރ، ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ގެއްލުނު ސިމާ ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހިންގާ ޚާއްޞަ އޮޕަރޭޝަނެއްގައި ސިކްސް ސެންސެސް (ލާމު) ރިސޯޓް ކައިރި ކަނޑުގެ ސަރަހައްދު ވައިގެ މަގުން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި 5 މޭލުގެ ބޮޑު ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ވައިގެ މަގުން ބެލުމުގެ އިތުރަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންނާއި، އެމްއެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން ޝިމާގެ އެއްވެސް ޚަބަރެއް ނުވޭ، އަދި ޑިންގީވެސް ފެނިފައެއް ނުވޭ." އެމްއެމްޑީއެފްގެ އިންފޮމޭޝަން އޮފިސަރ، ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

ޝިމާއަށް ވީގޮތެއް މިހާތަނަށް ޔަޤީންކަމާއެކު ބުނަން ނޭނގޭއިރު، ޝިމާ ދަތުރުކުރި ޑިންގީން ސަލާމަތްވި ލ.ގަމު
އިބްރާހީމް ފަޒީލް (24 އަހަރު) އަށް ތުހުމަތުގެ އިނގިލިތައް ދިއްކުރަން ވަނީ ފަށާފައެވެ. ނަމަވެސް އެ ތުހުމަތުތައް ފަޒީލް ދޮގުކުރެއެވެ.

ޝިމާ ގެއްލުނު ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަނީ ތަހްޤީގު ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް