ހުޅުމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. މިމަހު 25 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަނުގައި، ހުޅުމާލޭގެ ފުލެޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިހާރު މިމައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ