މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން މާލޭގައި ހިންގި އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެއްޗާއެކު 11 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 33 އަހަރާއި ދެމެދުގެ 11 މީހުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ތަކަކާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ.
އެގޮތުން ފެބުރުވަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފަންނުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެކޮތަޅު އެގެއިން ފެނިފައިވާކަމަށާއި، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް 33 އަހަރުގެ މީހާއަށް ދީފައިވާއިރު 24 އަހަރުގެ މީހާއަށް އެއް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މީގެއިތުރުން ފެބުރުވަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާފަންނުގެ އިތުރު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ސެލޯފިންކޮޅު އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް ފިރިހެނުން ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް 18 އަހަރުން ދަށުގެ ކުއްޖާއަށް ދީފައިވާއިރު 20 އަހަރުގެ އަންހެންމީހާއަށް ނުވަ ދުވަހުގެ މުއްދަތެއްވަނީ ދީފައި ކަމަށާއި، އަދި 23 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހަކަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބުރުވަރީ 26ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓު އެގެއިން ފެނި، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހުން ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ތިން މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށެވެ.