ޔާމީނަށް ކުރާ ސިޔާސީ ދަޢުވާ ހުއްޓާލުމަށް ގޮވާލާ ޕީޕީއެމް އިން މިރޭ އެއްވުމެއް ބާއްވަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ކުރާ ސިޔާސީ ދަޢުވާ ހުއްޓާލުމަށް ގޮވާލާ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އެބޭފުޅުންގެ އެންމެ ބޮޑު ކަނބޮޑުވުމަކީ މި ސަރުކާރުން، ރައީސް ޞޯލިޙްއާއި، މަޖިލީހުގެ ރައީސް އިސްވެ ހުންނަވައި ރައީސް ޔާމީނަށް ކުރާ ސިޔާސީ އަނިޔާ ކަމަށާއި، އަދި މި ސަރުކާރުގެ އިސް ބޭފުޅުންވެސް ގެންދަވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.

ޢަބްދުއްރަޙީމް ވަނީ ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ ކަމަށްވެސް ވިދަޅުވެފައެވެ. އެގޮތުން ޔޫތްމިނިސްޓަރ އަޙްމަދު މަޙްލޫފު ސޯޝަލް މީޑިއާގައި ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ކުރިޔަށް ގެންދާ ޕޯލްއަކީ ރައީސް ޞާލިޙްގެ އެންގެވުމަކަށް ކުރިޔަށް ގެންދާ ކަމެއްކަން ވަނީ ފާހަގަ ކޮށްފައެވެ. މުޅި ސަރުކާރުގެ ފޯކަސް އޮތީ ރައީސް ޔާމިން ހައްޔަރު ކުރުމަށް ކަމުގައި އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިއަށްވުރެ ވަކިން ބޮޑު ހުދުމުޚުތާރު ވެރިކަމެއް މި ޤައުމުގައި ހިންގި ދުވަސްވަރެއް ދިވެހި ރާއްޖޭގެ ތާރީޚްވެސް ދެކިފައި ނުވާކަމަށެވެ. ސްޕްރީމް ކޯޓަށް އެކޯޓް އަމިއްލައަށް ހަރަކާތްތެރިވުމުގެ ބާރު ނެއްކަމަށާއި، އުއްތަމަ ފަނޑިޔާރަށް އެމަނިކުފާނުގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުޞަތެއްވެސް ނެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން މިރޭގެ މި އެއްވުމަކީ ރައީސް ޔާމީނަށް ކުރާ ސިޔާސީ ދަޢުވާއާއި ދެކޮޅަށް އަޑު އުފުލުމަށްޓަކައި ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ އެއްވުމެއްކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ތާޢިދު ކުރައްވާ އަދި ޕްރޮގްރެސިވް ކޯލިޝަނަށް ތާޢީދު ކުރައްވާ ހުރިހާ ބޭފުޅުން މިރޭގެ އެއްވުމަށް ވަޑައިގެން ދެއްވުމަށް ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ