ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހާއި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް އިންތިޚާބުގެ ތަރުޖަމާނު، އަފްޝަން ލަތީފް ވިދާޅުވީ، ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ޞޯލިޙް އަދި ރައީސް ނަޝީދު އަންނަ މަހުގެ 8 އިން 10 އަށް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދެ ރައީސުންގެ މި ދަތުރުފުޅުގައި އައްޑޫގެ ދާއިރާތަށް ވަޑައިގެން ތަފާތު ހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށާއި، އެ ހަރަކާތްތަކުގައި އެމްޑީޕީގެ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް އެމްޑީޕީން ގޮވާލެއްވިއެވެ.
ދެ ރައީސުން އައްޑޫއަށް ވަޑައިގަންނަވަން ތައްޔާރުވަމުން އަންނައިރު، "އައްޑޫ ތަސައްވަރު" ގެ ނަމުގައި މި ހަފްތާގައި ޕްރެޒެންޓޭޝަނެއް ހެދުން އޮންނާނެ ކަމަށްވެސް އެމްޑީޕީން މިއަދު ވަނީ ވިދާޅުވެފައެވެ.
މާލޭގައި ދިރިއުޅުއްވާ އައްޑޫ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ހަރަކާތަކީ ވަރަށް ޚާއްޞަ އިވެންޓެއް ކަމަށާއި، އިވެންޓުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
އައްޑޫ ސިޓީއަކީ އެމްޑީޕީގެ ވެރިކަމުގައިވެސް ވަރަށް ޚާއްޞަކަމެއް ދެއްވައިގެން ކަންކަން ކުރެއްވި ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.