މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، ފެބުރުވަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ޢަދަދު ކޮންމެވެސް މިންވަރަކަށް ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޑެންގީ ހުން ޖެހިގެން ޖަނަވަރީ މަހު 518 ކޭސް ރިޕޯޓްކޮށްފައިވާއިރު، ފެބުރުވަރީ މަހު އެ ޢަދަދު 368 އަށް ދަށްވެފައިވާ ކަމަށެވެ.
"ހަފްތާގެ ނިސްބަތުން ބަލާއިރު ޖަނަވަރީ މަހުގެ ފަހު ހަފްތާގެ ތެރޭގައި 98 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާއިރު، ފެބުރުވަރީ މަހުގެ ފަހު ހަފްތާގައި ރިޕޯޓް ކޮށްފައިވަނީ 51 މީހުން." އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ ޖަނަވަރީ އަދި ފެބުރުވަރީ މަހާ އަޅާބަލާއިރު، މިއަހަރުގެ ޖަނަވަރީ އަދި ފެބުރުވަރީ މަހުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރު ކަމަށެވެ.
"އެހެންކަމުން ޑެންގީއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިންމު." އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޑެންގީ ހުމުގެ އިތުރުން ޗިކަންގުންޏާ އަކީވެސް ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.