އެޖެންޑާ 19 އިން ރައްޔިތުންނަށް ޔަގީން ކޮށްދޭނެ އެއް ކަމަކީ ކަރަންޓް ޔުނިޓެއްގެ އަގު 2.50ރ ތިރިކޮށްދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކ. މާފުށީ ގައި އާދިލް ސަލީމްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގެ އެންމެ މުހިންމު ތަސައްވުރަކީ ރާއްޖެއަށް ތަނަވަސްކަން ގެނައުން ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ބޭނުމަކީވެސް ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުން ކަމަށެވެ.
މާފުށީގައި ދުވާލެއްގެ މައްޗަށް މިހާރު އެއް ހާސް ޓަނުގެ ފެން ބޭނުން ކުރަމުންދާ ކަމަށާއި، އަދި މާފުށީގެ ކަރަންޓް ބޭނުން ކުރާ މިންވަރުވެސް ވަރަށް ބޮޑު ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެޖެންޑާ 19 ކޮށްދޭނެ އެންމެ މުހިންމު އެއް ކަމަކީ ކަރަންޓްގެ އަގު ދެ ރުފިޔާ ބަޔަށް ތިރިކޮށްދިނުން، ކޮންމެހެން 100 ޔުނިޓަކުން މައްޗަށްތޯ އެހެން އެއްޗަކުން މައްޗަށްތޯ ބަލާނެކަމެއްނެތް، މީގައި ޔުނިޓެއް ހަދަން ދުނިޔޭގައި ނުނަގާއޭ އިނގޭތޯ މާތަތްލާރިތަކެއް، އެޖެންޑާ 19 އިން 2.50ރ އަށް ކަރަންޓް ބިލް ކުޑަކޮށްދޭނެ، އެކަން އިރާދަ ކުރެއްވިއްޔާ ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
މާފުށީގެ ފަޅު ހިއްކައިދޭނެ ދުވަހަކަށް ރައްޔިތުން އިންތިޒާރުގައި ތިބޭތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި އިންތިޒާރުގައި ތިބުން ހުއްޓާލުމަށްފަހު އަމިއްލަ އަށް އެކަން ކުރަންވެއްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެޖެންޑާ 19 އިން އަޅުގަނޑުމެންނަށް ކުރެވިގެންދާ އެންމެ މުހިންމު އެއް ކަމަކީ މާފުށި، މާފުށި ރައްޔިތުންނަށް ދިނުން، މާފުށީގެ މުޅި މިލްކު ހުރިހާ ބިމަކާ ހުރިހާ ރުއްގަހަކާ ފަޅާއި ފަޅުތެރޭގައިވާ ހުރިހާ ތަނެއް މާފުށީގެ ކައުންސިލަށް، މާފުށީގެ ރައްޔިތުންނަށް ދިނުން،" ނަޝީދު ވިދާޅުވި އެވެ.
މާފުށީގެ ފަޅު ހިއްކުމަކީ ވިޔަފާރީގެ ގޮތުން ސަރުކާރާއި ކުޑަވެސް މިނަށް ގުޅުން އޮތް ކަމެއް ނޫން ކަމަށާއި، އެގޮތުން ލާމަރުކަޒީ ނިޒާމުން މާފުށި ކައުންސިލް ހިންގަން ފެށުމުން ރައްޔިތުންނާއި ގުޅިގެން އެކަން ކައުންސިލަށް ކުރަން އުނދަގޫ ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހަމައެކަނި ކައުންސިލުން ކުރައްވަން ޖެހޭނެ ކަމަކީ ޓެންޑަރެއް ނެރުއްވަންވީ، މިތަނުގައި ބިން ހިއްކާނެ ފަރާތެއް އެބަ ހޯދަމޭ، އެބަޔަކަށް މިވެނި އެއްޗެއް ދޭނަމޭ، ހިއްކާ ބިމުންވެސް ކޮންމެސް އެއްޗެއް ދެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރާއެކު މާފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ފުރުސަތަކީ އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމުގެ ފުރުސަތު ކަމަށާއި އެކަން ފެށުމަށްޓަކައި ކުރެވުނު އެއްކަމަކީ ފެނާއި ނަރުދަމާ އެރަށުގައި ގާއިމްކުރުން ކަމަށާއި، އަދި ބަނދަރުވެސް ހެދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މާފުއްޓަކީ ހިތުއެޅި ކޮންމެ ކަމެއް ކުރެވޭ ގޮތަށް ނަސީބު އޮތް ރަށެއް ކަމަށާއި، މާފުށީގެ ފަޅު ބޮޑު ކުރުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.