އެމެރިކާ އިން ފިޔަވަޅު އެޅިޔަސް ރަޝިޔާގެ މިސައިލް ސިސްޓަމް ގަންނާނަން - ތުރުކީ

އެމެރިކާ އިން ފިޔަވަޅު އެޅިކަމުގައިވިޔަސް، ރަޝިޔާގެ މިސައިލް ސިސްޓަމް ގަންނާނެކަމުގައި، ތުރުކީ އިން ބުނެފިއެވެ.

ޤަތަރުގެ ދޯހާގައި ކުރިއަށް ދިޔަ ކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ފޮރިން މިނިސްޓަރު، މެވްލުތު ކަވުސޮގްލޫ ވިދާޅުވީ، އެމެރިކާ އިން ކޮންމެ ވައްތަރެއްގެ ފިޔަވަޅެއް އެޅިކަމުގައިވިޔަސް، އެސް-400 މިސައިލް ސިސްޓަމް ގަންނާނެކަމުގައެވެ.

ހަމައެހެންމެ، އެމެރިކާ އިން ތުރުކީއާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިކަމުގައިވާނަމަ، ބަދަލުގައި އެޤައުމުންވެސް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ދޯހާގައި ވާހަކަފުޅު ދައްކަވަމުން ކަވުސޮގްލޫ ވިދާޅުވީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރާއި، އިންޒާރު ދިނުމުގެ ބަސްމަގަކީ އެއްގޮތަކަށްވެސް މަސައްކަތް ކުރާނެ ގޮތެއް ނޫންކަމުގައެވެ.

ތުރުކީއާ ދެކޮޅަށް ފިޔަވަޅު އަޅަން، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން، ނިމިގެންދިޔަ ހަފްތާގެ ތެރޭގައި ވަނީ ނިންމާފައެވެ. ހަމަ އެވަގުތު، ތުރުކީ އިން ވަނީ އެކަމާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.

އެމެރިކާ އާއު ތުރުކީއާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތައް ހީނަރުވެފައިވާތާ ދުވަސްތަކެއްވަނީ ވެފައެވެ. މިކަމުގެ ސަބަބުން، އެމެރިކާގެ ބައެއް އަސްކަރީ ޕްރޮގުރާމުތަކުން ތުރުކީ އެކަހަރިކޮސްފައިވެސް އޮވެއެވެ. އެހެންނަމަވެސް، އެއްވެސް ފިޔަވަޅެއް އަދި އަޅާފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ