މި ދުވަސްވަރަކީ އިންޑިޔާގައި ފިޔާގެ އަގު ވަރަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. އެކި ސަބަބުތަކާ ގުޅިގެން އެޤައުމުގައި ފިޔާގެ އަގު ބޮޑުވެފައިވާއިރު، މިކަމާ އެތައް ބަޔަކު ދަނީ ކަންބޮޑުވުންވެސް ފާޅު ކުރަމުންނެވެ. ހަމައެހެންމެ، މިކަމުގެ ތެރެއިން އެތައް ތަފާތުކަމެއްވެސް ދަނީ ފެންނަމުންނެވެ.
އަކްޝޭ ކުމާރު އޭނާގެ އަންހެނުންނަސް ފިޔާގެ ހަދިޔާއެއް ދިން ޚަބަރު މަޝްހޫރުވިގޮތަށް، މިފަހަރު އެތައް ބައެއްގެ ލޮލުގައި އަޅައިގަތީ، ކައިވެނީގެ ޙަފްލާއަކަށް ދިޔަ ބަޔަކު، ހަދިޔާއަށް ފިޔާތަކެއް ގެންދިއުމެވެ.
"ހިންދުސްތާން ޓައިމްސް" އިން ބުނި ގޮތުގައި މިކަން ހިނގާފައިވަނީ އެޤައުމުގެ ޓަމިލް ނާޑޫގެ ކުޑައްލޯރުގައި ކުރިއަށް ދިޔަ ކައިވެނީގެ ޙަފްލާއެއްގައެވެ.
ކައިވެނި ކުރި ފިރިހެން މީހާގެ ރައްޓެހިންތަކެއް، ވަރަށް ރީތިކޮށް ޕެކް ކޮށްގެން ކައިވެނީގެ ހަދިޔާއަށް ގެންދިޔައީ 2.5 ކިލޯގެ ފިޔައެވެ.
That's expensive. Amid rising prices, Tamil Nadu couple gets bouquet of #Onion at #wedding.@ikpsgill1 @delhichatter@hvgoenka @Jainpankajkasan#OnionPrices pic.twitter.com/19Ilzk27He
— The Sunil Kapoor™ (@sunilkapoor8) December 9, 2019
މި ޒުވާނުންތައް މި ހަދިޔާ ހިފައިގެން ދިއުމުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އަދި މި ހަދިޔާ ދޭ މަންޒަރު ފެންނަ ފޮޓޯތައްވަނީ ވަރަށް އަވަހަށް ވައިރަލް ވެފައެވެ. މަޖާކަމުގައިވިޔަސް، މި ހަދިޔާ ވެގެން ދިޔައީ ވަރަށް ބޭނުންތެރި ހަދިޔާއަކަށެވެ.
ނޫސްތަކުން ބުނާގޮތުގައި މި ދުވަސްވަރު ޓަމިލް ނާޑޫގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 150 އާއި 160 ރުޕީސްއާ ދެމެދުގައެވެ.