34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ހިޒް އެކްސެލެންސީ ސެމީ ކޮރޮއިލަވެސައު، ހޮނިހިރު ދުވަހުގެރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. 2019 ވަނަ އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.
އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގައި 13 މެމްބަރު ޤައުމު އެކުލެވެއެވެ.
އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.