ލާމަރުކަޒީ ޤާނޫނުން ބޮޑެތި މަސްއޫލިޔަތު ތަކެއް ކައުންސިލްތަކާ ޙަވާލުވެގެން ދާއިރު، ކައުންސިލަރުންގެ މުސާރައަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެންނަވާނެކަމަށާއި އެބަދަލުތަކަކީ ދަޢުލަތުގެ މާލިއްޔަތަށްވެސް ބެލުމަށްފަހު ގެންނާނެ ބަދަލުތަކެއް ކަމަށެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް މިިއަހަރުގެ މާރޗްމަހުގެ ތެރޭގައި ރައީސް ވިދާޅުވެފައިވެއެވެ.
އެންމެ ކުޑައާބާދީއަކަށްވެސް އެންމެ މަދުވެގެން ފަސް ކައުންސިލަރުން ހޮވާގޮތަށް ފާސްކޮށްފައިވާއިރު، ކައުންސިލަރުންގެ އަދަދު އިތުރުވުމަކީ ސަރުކާރަށް ބުރަކަމެއް ނޫންކަމަށްވެސް ރައީސް މިބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.
“އެއީ ބުރައެއް ނޫން. އަޅުގަނޑުމެން ހިސާބުކޮށްފައި، އުފުލޭ ވަރުގެ ކަމަށް ވާތީ އަޅުގަނޑުމެން އެކަން ކުރީ، އެކަމަށް ދައުލަތުގެ ބަޖެޓުން އިތުރުކުރަންޖެހެނީ 48 މިލިއަން ރުފިޔާ.” ރައީސް ޞޯލިޙް ވިދާޅުވިއެވެ.
އެންމެ ކުޑަ އާބާދީގެ ކައުންސިލްގެ އަދަދު ތިނަކުން ފަހަކަށް ބަދަލުކުރުމުގެ ޤާނޫން ރައީސް ޞޯލިހްވަނީ މިއަދު ތަސްތީޤުކުރައްވާފައެވެ.