ސީރީއާ - އުޑިނޭސޭ ކޮޅަށް ޖެހި ދެލަނޑާއެކު ރޮނާލްޑޯއަށް އިތުރު ރެކޯޑެއް

އިޓާލިއަން ސީރީއާގައި ރޭ އުޑިނޭސޭ ކޮޅަށް ޖެހި ދެލަނޑާއެކު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިތުރު ރެކޯޑެއް ލިބިއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ތިން ލަނޑުވެސް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު، އޭގެތެރެއިން ދެލަނޑު ޖަހާފައިވަނީ ރޮނާލްޑޯއެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ ބޮނޫޗީއެވެ.

ރޮނާލްޑޯ ރޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު އޭނާ މިސީޒަންގައި ޖެހި ލަނޑުގެ އަދަދު 11 އަށް ވަނީ އަރާފައެވެ. އަދި ޔޫރަޕްގެ ގަދަ ފަސް ލީގުގައި ވޭތުވެދިޔަ 15 އަހަރު ތެރޭގައި ކުޅުނު ކޮންމެ ސީޒަންއެއްގައި މަދު ވެގެން 10 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށްވެސް ރޮނާލްޑޯވަނީ ވެގެން ގޮސްފައެވެ.

އުޑިނޭސޭގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ފެނިގެންގޮސްފައިވާއިރު، މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޕުސެޓޯއެވެ.

ރޭގެ މޮޅާއެކު ތާވަލްގެ އެއްވަނައަށް ޔުވެންޓަސް އެރިނަމަވެސް، ރޭ ފަހުން ކުޅުނު މެޗުން އިންޓަރ މިލާން ފިއޮރެންޓީނާއާއި ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުގެ ސަބަބުން އިންޓަރމިލާންވަނީ އެނބުރި ތާވަލްގެ އެއްވަނައަށް އަރާފައެވެ. އެއްވަނާގައި އޮތް އިންޓަރ މިލާންއާއި ޔުވެންޓަސް ޕޮއިންޓްގެ ގޮތުން އޮތީ އެއްވަރެއްގައެވެ. އިންޓަރ މިލާންއަށް ތާވަލްގެ އެއްވަނަ ލިބެނީ ފަސް ފައިދާ ގޯލްގެ ތަފާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ