ސްޓޭޓް ޓްރޭޓިންގ އޯގަނައިޒޭޝަން ޕލކ އަށް މަރާމާތު ކުރުމަށް ގެނެސް ނުގެންގޮސް ހުރި ތަކެއްޗާއި ހަވާލުނުވެއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ނައްތާލެވޭނެކަމުގައި ކަމުގައި އެފަރާތުން ހާމަކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެސްޓީއޯ ސަރވިސް ސެންޓަރަށް ޖެނުއަރީ 2018 އިން ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރުމަށް ގެނެސް، އަނބުރާ ނުގެންގޮސް އެތަނުގައި ބެހެއްޓިފައިވާ ތަކެއްޗާއި އޭގެ ވެރިފަރާތުން 28 ޑިސެންބަރު 2019 ވާ ހޮނިހިރު ދުވަހުގެ ކުރިން އެ ސެންޓަރަށް ދުރުވެ އެ ތަކެއްޗާއި ހަވާލުވުމަށް ދަންނަވާފައެވެ.
ތަކެއްޗާއި ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސާރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުމަށް ވަނީ އެދިފައެވެ. އަދި އެ ތާރީޚުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތައިލެވޭނެ ކަމުގައި އިޢުލާނުގައި ވަނީ ބުނެފައެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ ލިސްޓުގައި ވާގޮތުން އެ ކުންފުނީގެ ސަރވިސް ސެންޓަރަށް މަރާމާތު ކުރުމަށް ގެންދެވިފައިވާ 15 އެއްޗެއް އަނބުރާ ނުގެންގޮސް އެބަހުއްޓެވެ. އޭގެ ތެރޭގައި 7 ރެފްރިޖިރޭޓަރާއި، 5 ދޮންނަ މެޝިނާއި، 3 ޕަންޕު ހިމެނެއެވެ. އެސްޓީއޯ އިން އާންމުކޮށްފައިވާ ލިސްޓްގައި މި ތަކެތީގެ ވެރިފަރާތުގެ ނަމާއި މޯބައިލް ނަންބަރުވެސް ހިމެނިފައިވެއެވެ.